އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރާއްޖެ އައިސްފިނަމަ ހައްޔަރު ކުރާނެ ކަމަށާއި ވަކި މީހަކު އިސްތިސްނާނުކޮށް ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒުކުރާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭގައި ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މެދުވެރިކޮށް މިނިސްޓަރު އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަކީ އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށެވެ.
އައިސީސީ އިން ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ގަލަންޓު ހައްޔަރު ކުރަން އަމުރު ނެރެފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެއަމުރާ ގުޅިގެން އޭނާ ހައްޔަރު ކުރަން އައިސީސީން އާންމުކޮށްފައިވާ ލިސްޓުގައި ރާއްޖެވެސް ހިމެނެއެވެ. އެހެންކަމުން ނަތަންޔާހޫ ރާއްޖެއައިސްފިނަމަ ހައްޔަރު ކުރާނަންތޯ ބައެއް މީހުން މީސްމީޑިއާގައި ވަނީ މިނިސްޓަރާ ސުވާލުކޮށްފައެވެ.
އޭގެ ޖަވާބުގައި މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒު ކުރާނެ ކަމަށާއި އެހެންކަމުން އިޒްރޭލުގެ ބޮޑުވަޒީރު ހައްޔަރު ކުރަން އަމުރެއް ނެރެފައިވާއިރު އޭނާ މިޤައުމަށް އައިސްފިނަމަ އެއްވެސް ޖެހިލުމެއްނެތި ހައްޔަރު ކުރާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ނަތަންޔާހޫ އާއި ގަލަންޓް އަދި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރުކުރަން އައިސީސީއިން އަމުރު ނެރުނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.


