ރިޝްވަތު ނަގައިގެން އިމިގްރޭޝަންގެ 5 އޮފިސަރެއް ބިދޭސީންނާ ގުޅިގެން މަސައްކަތްތަކެއް ކުރާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
މިކަން ހާމަކުރައްވާ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔުނިފޯމުއެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑާލައި، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ޤާނޫނީގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޜ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް އަންގަވާފައިވާކަމެއް ކަމަށެވެ.
”މިގޮތުން މޯލްޑިވްސް އިމިގްރޭޝަން ގެ 5 މުވައްޒަފުން ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއްކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މަޢުލޫމާތުލިބުމުން ފުލުހުންމެދުވެރިކޮށް އެމައްސަލަދަނީ ތަހުގީގު ކުރެވެމުން“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަން ނޫން ކަމަށާއި މި މައްސަލާގައި މިހާރުވާނީ އިމިގްރޭޝަންގެ އެ އޮފިސަރުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައި އަދި އެމީހުން ދިރިއުޅޭ ތަންތަން ވެސް ބަލައި ފާސްކޮށްފައި ކަމަށެވެ.
މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުޤީގު ކުރިއަށްދާވަރަކުން ފުލުހުނާއި ކަމާއިބެހޭ އެހެން އިދާރާތައްގުޅިގެން ހާމަކުރަމުންދާނެ ކަމަށާއި އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަދަ ކަންކަމުން ބަރީއަވެ ތިބުމަށް ވެސް މިނިސްޓަރު ވަނީ އެދިލައްވާފައެވެ.



