މާޒީގައި ކުށްތަކަށް އަރައިގަތުމާއި ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއް ކަމުގައި ވިޔަސް އިސްލާޙުވެ، ދިނަށާއި އުންމަތަށް ހިދުމަތްކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށް ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގައި އަލްޚުލަފާއުއްރާޝިދޫން ހަޔާތްޕުޅަށް އަލިއަޅުވާލައި ބުނެފައި ވަނީ މިބޭކަލުންގެ ސުންނަތުގައި ހިދުފުމަށްޓަކައި އެބޭކަލުންގެ ހަޔާތްޕުޅަށް ނަޒަރު ހިންގައި އެއިން ލިބޭ ފިލާވަޅުތަކުގެ އަލީގައި އަހަރެމެންގެ ދިރިއުޅުން ބިނާކުރުން ވަރަށް މުހިންމު ކަމަށެވެ.
މާތް ﷲ ކޮންމެ ނަބިއްޔަކަށްމެ އެބޭކަލަކަށް ތަބާއަވާނޭ ސަޙާބީން ލެއްވިއެވެ. އެގޮތުން އެކަލާނގެ މިއުންމަތަށް ކައުކުރެއްވި ނަބިއްޔާ މުޙައްމަދު ﷺ ގެ އަސްހާބުންވެފައި ވަނީ އުންމަތް ދެކެފައިވާ ރަންމުތްތަކެއް ކަމުގައި ފާހަގަކުރައްވާ ޚުތުބާގައި ބުނެފައި ވަނީ އޭގެ ތެރޭގައި ވެސް ދިހަ ބޭކަލުން ޚާއްސަ ކުރައްވައި އެބޭކަލުންނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާ ކަމަށެވެ.
އަލްޚުލަފާއުއްރާޝިދޫން އަކީ މާތް ނަބިއްޔާގެ ޚަލީފާކަން ކުރެއްވި ހަތަރު އަސްޚާބު ބޭކަލުން ކަމުގައިވާ އަބޫބަކުރުގެފާނާއި، އުމަރުގެފާނާއި، އުޘްމާންގެފާނާއި އަލީގެފާނެވެ. މިބޭކަލުންނަކީ ނަބިއްޔާ ﷺ އަށް ތަބާވުމަށް އިރުޝާދުދެއްވާފައިވާ ބޭކަލުންނެވެ.
މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާއަކީ އަބޫބަކުރުގެ ފާނެވެ. އެކަލޭގެފާނަކީ އީމާންކަމަމާއި ހެޔޮ އަމަލުގައި ނަމޫނާ ބޭކަލެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަބޫބަކުރުގެފާނަކީ ހެޔޮ އަމަލުކުރެއްވުމަށް ނުހަނު ލޯބި ކުރައްވާ ބޭކަލެއް ކަމަށާއި ހެޔޮ ކޮންމެ ކަމެއް ކުރެއްވުމުގައި އެކަލޭގެފާނު ކުރި ހޯއްދަވާ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
އިސްލާމްދީނާއި މެދު ޝައްކާއި ވަހުމު އުފައްދައި ފަތުރަމުންދާ މިޒަމާނުގައި އަހަރެމެންވެސް އަބޫބަކުރުގެފާނު ދެއްކެވި ފަދަ ސާބިތުކަމެއް ދައްކަން ޖެހޭ ކަމަކާއި، މީހަކު އެމީހެއްގެ ކޮށި ވިސްނުން ޙުއްޖަތަކަށް ހަދައި މުސްލިމުންގެ ސިކުނޑި ދޮވެލުމަށް ޓަކައި ދައްކާ ވާހަކައަކުން ޤުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމް ދީނުގެ އަސާސާއި މެދު ޝައްކު އުފައްދައިގެން ނުވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި އަލްޚުލަފާއުއްރާޝިދޫންގެ ތެރެއިން ދެވަނަ ޚަލީފާއަކީ އުމަރުގެފާނުގެ ހަޔާތްޕުޅަށް އަލިއަޅުވާލައި ބުނެފައި ވަނީ އެކަލޭގެފާނަކީ އިސްލާމުވެވަޑައިގަތުމުގެ ކުރީގައި މައްކާގެ މުޝްރިކުންގެ ތެރެއިން ނަބިއްޔާ ﷺ ގެ މައްޗަށް އެންމެ އަދާވާތްތެރި އެއް ބޭކަލެއް ކަމަށާއި އުރައިން ކަނޑި ދަންމަވައިގެން ނަބިއްޔާ ﷺ ގަތުލުކުރުމަށް އެކަލާގެފާނު ވަޑައިގަތް ބޭކަލެއް ކަމަށެވެ.
އެހެންނަމަވެސް މާތްﷲ ހިދާޔަތް ދެއްކެވުމާއިއެކު ދީނުގެ ދިފާޢުގެ މަސައްކަތް ވަގުތުން ފެއްޓެވި ކަމަށާއި ގުނައި އަދަދު ނުކުރެވޭހައި ގިނަގުނަ ހިދުމަތްތަކެއް އިސްލާމްދީނަށް ކުރައްވައި ގިނަގުނަ ނަސްރުތަކެއް ހޯއްދަވައިދެއްވާފައިވާއިރު، އެކަލޭގެފާނަކީ ސިޔާސީ ދާއިރާއާއި ދައުލަތް ހިނގުމުގެ ގޮތުންވެސް މުޅި އިސްލާމީ ދައުލަތަށް އިންގިލާބީ ބަދަލުތަކެއް ގެންނަވައި އިސްލާމީ ފުތޫހާތު ފުޅާކުރެއްވި ވަރުގަދަ ލީޑަރެއް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ޝައިތާނާވެސް އުމަރުގެފާނު ހިންގަވާ މަގަކުން ހިނގާން ޖެހިއްޖެ ނަމަ، މަގު ބަދަލުކުރާ ކަމުގައި މާތް ނަބިއްޔާ ﷺ ހަދީޡްކުރައްވާފައިވެއެވެ.
ޙުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި އުމަރުގެފާނުގެ ހަޔާތްޕުޅުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއް ކަމުގައި ވިޔަސް އިސްލާޙުވެ، ދިނަށާއި އުންމަތަށް ހިދުމަތްކުރުމުގެ ދޮރު އެމީހަކަށް ހުޅުވިފައިވާ ކަމަށެވެ.
އެހެންކަމުން އެހައި ފަސޭހައިން މީސްތަކުންނާއި މެދު އުންމީދު ކަނޑައިލައިގެން ނުވާނެ ކަމަށާއި، ދީނީ ދުރު ވިސްނުން ގެންގުޅޭ މީހުންނާއި އަހަރެމެންގެ ޒިންމާއަކީ ހެޔޮ ގޮތުގައި ވާހަކަދައްކައި ނަސޭހަތް ދީ ޝަރުޢީ ދަލީލުތަކުންނާއި ބުއްދީގެ ދަލީލުތަކުން ޙުއްޖަތް ދައްކައި ހެޔޮ މަހު ދައްކައިދީ ﷲ އަށް ވަކީލު ކުރުން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ހިދާޔަތުގެ މަގަށް ތައުފީގު ދެއްވަނީ މާތްﷲ ކަމަށާއި ތިބާއަށް ފާފަކުރެވުމަކީ އިސްލާހުގެ މަގާއި މެދު މާޔޫސްވާންވީ ސަބަބެއް ނޫން ކަމަށާއި ކިތަންމެ ބައިވަރު ފާފަތަކެއް ކުރެވިފައިވީ ނަމަވެސް އިސްލާޙުވާން ބޭނުންވާ މީހަކަށް މަގު ފަހިވެފައިވާކަން މާތްﷲ އަންގަވާފައިވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޚުލަފާއުއްރާޝިދޫންގެ ތެރެއިން ތިންވަނަ ޚަލީފާ އުޘްމާންގެފާނުގެ ހަޔާތްޕުޅަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ އެކަލޭގެފާނަކީ އަޚްލާގީ ރިވެތި ސިފަތައް ލިބިވަޑައިގެންވާ ލަދުވެތި ބޭކަލެއް ކަމަށެވެ. މަލާއިކަތުންވެސް އެކަލޭގެފާނު ދެކެ ލަދުވެތިވެވަޑައިގަންނަވާ ކަމަށް ރަސޫލާ ﷺ ހަދީޡް ކުރާއްވާފައިވާކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ އެކަލޭގެފާނަކީ ރަސޫލާ ﷺ ގެ ދެ ދަރިކަނބަލަކާއި ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު ލިބިވަޑައިގަތް ޛުއްނޫރައިން ނުވަތަ ދެނޫރުގެ ވެރިޔާއެވެ.
އެކަލޭގެފާނަކީ ތަނަވަސް އަދި މީސްތަކުންނަށް ނުހަނު ދީލަތި ބޭކަލެއްކަން ފާހަގަކޮށް ޚުތުބާގައި ބުނެފައި ވަނީ އަހަރުމެންނަކީ ވެސް އުޘްމާނުގެފާނު ފަދައިން އަޚްލާގީ ރިވެތި ސިފަތައް އަށަގެންފައިވާ މުޖުތަމައަށް މަންފާކުރަނިވި ބަޔަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި ދިރިއުޅުމުގައި އަޚްލާގީ ގޮތުން ހިފައްޓާނެ އިސްލާމީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުލަފާއުއްރާޝިދޫންގެ އެންމެ ފަހު ބޭކަލު ޢަލީގެފާނުގެ ހަޔާތްޕުޅަށް އަލިއަޅުވާލައި ޚުތުބާގައި ބުނެފައި ވަނީ އެކަލޭގެފާނަކީ ހިތްވަރުގަދަ ރަމްޒެއް ކަމަށެވެ. އެގޮތުން ހަނގުރާމާއިގެ މައިދާނުގައްޔާއި، ޚަލީފާކަމުގެ ބޮޑެތި ފިތުނަތަކެއްގެ ތެރޭގައި އެކަލޭގެފާނު ދެއްކެވި ގިޔާދަތާއި ހިތްވަރަކީ ތާރިހު ހެކިދޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން އެކަލޭގެފާނުގެ ހަޔާތްޕުޅުން އަހަރުމެންނަށް ލިބޭ ފިލާވަޅަކީ އަހަރުމެންނަކީ ވެސް ދީނުގެ ދިފާޢުގައި މަސައްކަތް ކުރާ ބަޔަކަށް ވުމާއި ޒަމާނާއިއެކު އަންނަ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލާ ބަޔަކަށްވުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.




