އޭޑީކޭ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން މަހަކު 14،500 ރުފިޔާ ދައްކަންޖެހޭނެ ކަމަށް އޭޑީކޭއިން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
އޭޑީކޭއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އިންޓާންޝިޕް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އަދި ފުރަތަމަ ބުރުގައި 20 ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމަށް އޭޑީކޭއިން ހުޅުވާލާފައިވަނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އިންޓާންޝިޕަށް ޑިމާންޑު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އައިޖީއެމްއެޗްގައި އިންޓާންޝިޕް ޕްރޮގްރާމް ފަށާފައިވަނީ 2018 ވަނަ އަހަރުގައެވެ. އޭގެ އަހަރެއް ފަހުން، 2019 ގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ސްކޫލް އޮފް މެޑިސިން ޤާއިމުކޮށް، މެޑިކަލް ދަރިވަރުންނަށް ކިޔަވައިދޭން ފަށާފައިވެއެވެ.



