އިޒްރޭލާއި ދެކޮޅަށް ހުރިހާ ބާރުތަކެއް ބޭނުންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލެއްވުމުން ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ލިބިއްޖެއެވެ.
ރައީސް މިހެން ގޮވާލައްވާފައިވާކަން ބައިނަލްއަޤްވާމީ ނޫހެއް ކަމަށްވާ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާއިރު، ރައީސް ޑރ. މުޢިއްޒު ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން ވަގުތުން ހުއްޓާލުމަށާއި، ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން، ފަލަސްޠީނުގެ ރެފިއުޖީންގެ ޙައްޤުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) އަދާކުރަމުންގެންދާ މުހިންމު ދައުރަށް އެއްބާރުލުން ދިނުމަށްވެސް ރައީސް ޑރ. މުޢިއްޒު ވަނީ ގޮވާލައްވާފައިވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ”ފަލަސްޠީނުގެ ރައްޔިތުންނާމެދު ބޭއިންސާފުން ހިންގާ ކަންކަމަކީ އަޅުގަނޑުމެން ޙިއްޞާކުރާ ތާރީޚުގައި ޖެހިފައިވާ ލައްގަނޑެއް“ ކަމަށެވެ. އަދި އިޒްރޭލުގެ ލާއިންސާނީ ޢަމަލުތަކަކީ މުޅި ދުނިޔޭގެ ގުޅިފައިވާ ނިޒާމަށް ދެވޭ ޙަމަލާއެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދަޢުލަތެއް ޤާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިގެން ކަމަށެވެ.
ރައީސް މުޢިއްޒުގެ މި ބަސްފުޅުތަކަކީ ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ސާބިތު މަޤާމު އަލުން ހާމަކޮށްދިން ބަސްފުޅުތަކެކެވެ. އަދި މި ބަސްފުޅުތަކުން ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ވަނީ ލިބިފައެވެ.



