ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އިއްޔެ ވެސް މާލޭގައި ހިންގަމުންދާ 9 ކެފޭއެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްބުނެފައި ވެއެވެ.
”ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށް“އިމިގްެރޭޝަނުން ބުނެފައިވެއެވެ.
މީގެ ކުރިން އިމިރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޓާސްކުފޯހުން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން 200 އަށްވުރެ ގިނަ އޮފިސަރުން ހިމަނައިގެން މާލެ އަދި ހުޅުމާލޭގައި މާސް އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސް، ޖުމްލަ 5,012 ބިދޭސީން ރާއްޖެއިން ފުރުވާލައި، 1,300 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކޮށްފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް މިއަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ތަޢާރަފްކުރި ”އިމިގްރޭޝަން ވޮޗް“ އަށް މިހާތަނަށް 966 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.



