މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހަވީރު ތ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. މިއީ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ނެރެފައިވާ ސަމާލުކަމެކެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މި ހުދު ސަމާލު ދެމިއޮންނާނީ މިއަދު ހަވީރު 17:00 އިން މިރޭ ދަންވަރު 12:30 އާ ހަމައަށެވެ.
މޫސުމާބެހޭ އިދާރާއިން މި މަހުގެ 25 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިރުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑު ބާރުގަދަވެ، ބާރު ގަދަ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ. މި ކޮޅިގަނޑު ދަތުރުކުރަމުންދާނެ ކަމަށް ބެލެވެނީ ހުޅަނގު އުތުރަށް އިންޑިއާގެ ޓެމިލްނާޑޫ އާއި ސްރީލަންކާ އައްސޭރި ފަށާ ދިމާލަށް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިރުދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވާކަން ހާމަކޮށް، މި މަހުގެ 27 އިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގައި ވައި ބާރުވާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން އެއިދާރާއިން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.




