ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިސްނަގައިގެން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ މަދުކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ.
އެގޮތުން ސްޓެލްކޯ އިން ވަނީ ޓައިމް-ބޭސްޑް ޓެރިފް ސިސްޓަމެއް ތަޢާރަފްކޮށް، އޮފްޕީކް ގަޑީގައި ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ މަދުވާނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ފަށާފައެވެ. މި މަސައްކަތުގެ ދަށުން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާއި ބެޓަރީ އެނަރޖީ ސްޓޯރޭޖަށް ހައްލުތަކެއް ލިބިގެންދިޔުން ހިމެނެއެވެ.
ސްޓެލްކޯއިން އިސްނަގައިގެން ފަށާފައިވާ މި މުހިންމު މަސައްކަތުގެ ސަބަބުން ރައްޔިތުންގެ އަތުން ކަރަންޓަށް ކުރާ ހޭދަ ބޮޑުތަނުން މަދުވެ، އެހެން ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު ބޭނުން ކުރެވޭނެ ގޮތްތަކެއް މުޅި ރާއްޖެއަށް ތަޢާރަފްވެގެން ދާނެ ކަމަށް ބެލެވެއެވެ.
މިފަދައިން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓަށް ކުރާ ހޭދައިގެ ބޮޑުބައެއް ދާދިފަހުން ސަލާމަތް ކުރެވިފައިވަނީ ވ. ރަކީދޫގައެވެ.

އެކަން ފާހަގަ ކުރައްވާ އެމްއެމްޓީވީ އިން ގެނެސްދިން ”ބޮޑު ޚަބަރު“ ޕްރޮގްރާމުގައި ވާހަކަދައްވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ ރަކީދޫގައި ކުރެވުނު މިމަސައްކަތަކީ ކަރަންޓުގެ ޚަރަދު ކުޑަ ކުރުމަށްޓަކައި އެކުންފުންޏަށް ކުރެވުނު ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށާއި އެއީ ރާއްޖެއަށް އިޔާދަކުރަނިވި ހަކަތަ ފުޅާދާއިރާއެއްގައި ތައާރަފްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރު ވިސްނުންފުޅުގެ ދަށުން ސްޓެލްކޯއިން ކުރަންފެށި މުހިންމު މަސައްކަތެއް ކަމަށެވެ.
އެގޮތުން ރަކީދޫގައި މިހާރު ޑީސެލް އެޅި އިންޖީނު ބޭނުންކޮށްގެން ކަރަންޓު ޖައްސާފައި ހުންނަނީ ކޮންމެ ދުވަހަކު ވެސް އެންމެ ދެ ގަޑިއިރަށް ކަމަށާއި ބާކީ 22 ގަޑިއިރު އެރަށުގައި ބޭނުންކުރަނީ އިޔާދަކުރަނިވި ހަކަތަކަން އެމްޑީ ފަހުމީ ވަނީ ފާހަގަ ކުރައްވާފައެވެ.
މިހާރު ރަކީދޫގައި ކަރަންޓު ބޭނުން ކުރުމަށް ބޭނުން ކުރަނީ ހައިބްރިޑް ފޮޓޯވޮލްޓައިކް-ބެޓަރީ އެނަރުވޖީ ސްޓޯރޭޖް ސިސްޓަމް-ޑީސަލް ޖެނެރާޓަރ ސިސްޓަމެކެވެ. މިސިސްޓަމްގެ ދަށުން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ޑީސަލްއާ ނުލައި ޖެނެރޭޓަރުގެ ބެޓަރީގައި ބާރު އުފައްދައެވެ. އެހެންކަމުން ޖެނެރޭޓަރު ނުޖެއްސިޔަސްވެސް ކަރަންޓު ހޭދަކުރެވި، ޑީސަލްގެ ހަރަދު ކުޑަވެ އަދި ތިމާވެށި ވެސް އިތުރަށް ރައްކާތެރިވެއެވެ.
”އިރާދަކުރެއްވިއްޔާ މި ފަސް އަހަރު އަޅުގަނޑުމެން ކުދި ހުރިހާ ރަށްތަކުގައި މަދުވެގެން 12 ގަޑިއިރު ސޯލާ އާއި ބެޓްރި ބޭނުންކޮށް ކާރބަން ނިއުޓްރަލްކުރުމުގެ ޕޮރެޖެކްޓެއް ކުރިއަށް މިގެންދަނީ“ ސްޓެލްކޯއިން ފަށާފައިވާ މި މުހިންމު ޟަޝްރޫޢުއާ ގުޅޭގޮތުން އެމްޑީ ފަހުމީ ވިދާޅުވިއެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ ތިނަދޫ ފިޔަވައި ވ. އަތޮޅުގެ ހުރިހާ ރަށެއް އެގޮތަށް ޑުޕްލިކޭޓްކުރުމަށް ބޭންކުތަކާ ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި މި ޕްރޮޖެކްޓްތަކަށް ފަންޑުކުރާނީ ސީދާ ސްޓެލްކޯއިން ކަމަށެވެ.




