މިދުވަސްވަރު ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) އިލްތިމާސް ކޮށްފިއެވެ.
އެ އިދާރާއިން މިއަދު އިރުއޮއްސި 6 އާ ހަމައަށް މޫސުން ލަފާކޮށް ބުނެފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
އެގޮތުން މިސަރަހައްދުތަކަށް ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އެހެން ސަރަހައްދުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މީގެއިތުރުން ދެކުނުގެ ރަށްތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ ސަރަހައްދުތަކުގައި 4-7 ފޫޓަށް އަދި އުތުރާއި މެދުރާއްޖެ ތެރޭގައި 3-6 ފޫޓަށެވެ.




