މީހަކު އެކްސްގައި ކުރާ ޕޯސްޓެއްގެ ފަހަތުން ދުވަން އުޅުން ވާނީ ޖޯކަކަށް ކަމަށް ވިދާޅުވެ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ ހުސެއިން ޝާފިއު (ތުއްތު) ކުރި ޕޯސްޓަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކުރަން ޗިޓު ފޮނުވުމާ ގުޅިގެންނެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މުހާތަބުކޮށް ހަޑިހުތުރު ބަސް ބޭނުންކޮށް ތުއްތު ވަނީ ”މަށަށް ކަލޭ މަގެއް މަތިން ނުފެންނާތި“ މިހެން ބުނެފައެވެ.
އެކަމާ ގުޅިގެން ސުވާލު ކުރަން ހާޒިރު ކުރަން ޗިޓު ފޮނުވާފައިވާކަން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވަނީ ހާމަކުރައްވާފައެވެ.
މިކަމާ ގުޅިގެން މަހްލޫފް ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ މީހަކު އެކްސް ގައި ކުރާ ޕޯސްޓެއް ފަހަތުން ދުވަން އުޅުންވާނީ ޖޯކަކަށް ކަމަށާއި އެފަދަ ކަންކަމަކީ ހުއްޓުވޭނެ ޒާތުގެ ކަންކަމެއްނޫން ކަމަށެވެ.
”އެފަދަ ކަންކަން ރައްޔިތުންނަށް ވާނީ ޖޯކަކަށް. އެފަދަ ކަންކަމުން ހިތްވަރުލިބި ޕޯސްޓުކުރާ މީހުން އިތުރުވާނެ.“ މަހްލޫފް ވިދާޅުވިއެވެ.
މީގެއިތުރުން ތުއްތު ކުރި ޕޯސްޓަކާ ގުޅިގެން ފުލުހަށް ހާޒިރު ކުރަން އެންގުމުން ހަނދާންވީ 2018 ވަނަ އަހަރު ތެރޭ މަހްލޫފް ކުރި ދެ ޓުވީޓަކާއިގުޅިގެން އެމަނިކުފާނުގެ މައްޗަށް ދެ ދައުވާއެއް އުފުލާ ޝަރީއަތް ކުރި ދުވަސްމަތިން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. އަދި އެދުވަހުވެސް އައީ ހިނި ކަމަށާއި މިއަދު މިހަބަރު ފެނުނީމަ ވެސް ވަރަށް ހެވުނު ކަމަށް ވެސް ވިދާޅުވިއެވެ.



