ޤާނޫނައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝަމްޢާން ވިދާޅުވީ މި ފާއިތުވީ އަހަރުގައި އާންމު ރައްޔިތުން ވަނީ އިމިގްރޭޝަން އޮފިސަރުން ވަރަށް ބޮޑަށް ބަލައިގެންފައި ކަމަށާއި އެގޮތުން އެ އޮފިސަރުންނަށް ކުރިން ނުދޭ އިތުބާރާއި ޤަދަރު މިހާރު ދެމުންދާ މަންޒަރު ސޯޝަލް މީޑިއާއާއި އެހެނިހެން މީޑިއާތަކުގެ ޒަރިއްޔާއިން ވެސް ފާހަގަ ވެފައިވާ ކަމަށެވެ.
މިއީ އޭނާ އުފަލާއެކީގައި ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށާއި ކުރިއަށްއޮތްތަނުގައި ވެސް ދޭން ބޭނުންވާ ޔަގީންކަމަކީ ރައްޔިތުން ހިތްހަމަނުޖެހޭނެފަދަ ކަމެއް އިމިގްރޭޝަނުން ނުކުރާނެކަމުގެ ޔަގީންކަންކަމަށް ޝަމްޢާން ވިދާޅުވިއެވެ.
”އާންމުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް މަސައްކަތްކޮށް، ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކަންތައްތައް އެއްކޮށް ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ“ އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ.
މީގެއިތުރުން ޝަމްޢާން ވިދާޅުވީ މި ތިން އަހަރަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ކަނޑައަޅާފައިވާ ތިން އަހަރު ކަމަށެވެ. އެގޮތުން މިއަހަރަކީ މި މަސައްކަތުގެ ފެށުން ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގައި މި މަސައްކަތް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



