ބޯހިޔާވަހިކަމަށް އިތުރު ހައްލެއް ގެނެސް ދިނުމަށްޓަކައި މާލެ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން 13،000 ހައުސިންގް ޔުނިޓު ތަރައްޤީ ކުރަން ނިންމައިފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިޔުމަޓަކައި އެ ކޯޕަރޭޝަނުން ވަނީ ބޭރުގެ ތިން ކުންފުންޏަކާއެކު ފްރޭމްވޯކް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ މާލެ ސަރަޙައްދުގައި ސޯޝަލް ހައުސިން ނުވަތަ އިޖުތިމަޢީ ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޝްރީލަންކާގެ ކުންފުންޏަކާއެކު މިއަހަރު ކުރީކޮޅު 3000 ހައުސިންގް ޔުނިޓު ތަރައްޤީކުރުމުގެ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ ކަމަށާއި މިހާރު ކުރިއަށް ގެންދަނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތްކަން ހަމްދާން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރާއްޖެއިން ބޭރުގެ އިތުރު ދެ ކުންފުންޏަކާއެކު ޖުމްލަ 10،000 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ ފްރޭމްވޯކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ ކަމަށާއި މި މަޝްރޫޢުއަކީ ބޭރުގެ އެކި ފައިނޭންސް އެޖެންސީތަކުން ލޯނު ނަގައިގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަން ވެސް ހަމްދާން ފާހަގަކުރެއްވިއެވެ.
”މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބޭރުން ލޯނު ނަގައިގެން. އަދި 2 މަސްދުވަހުގެ ތެރޭގައި އެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ހޯދުމަށް ސަރުކާރަށް ހުށަހަޅާނެ. ކުރިއަށްއޮތް 4 މަސްދުވަހުގެ ތެރޭގައި މަޝްރޫޢުތައް އިފްތިތާހްކުރާނެ. ސޯޝަލް ހައުސިން ބޭނުންވާ ކޮންމެ ރަށެއްގައި އެފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.“ އެފްޑީސީގެ އެމްޑީ ހަމްދާން ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް އެފްޑީސީން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު އެކުންފުނިން މިހާރު ހަމައެކަނި ކުރިއަށްގެންދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ. މި މަޝްރޫގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒު ވަނީ ހިފާފައެވެ.



