ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އިސްވެރިން، އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން މިއަދު މަޝްވަރާކޮށްފިއެވެ.
މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ފެނަކަ ކުންފުނީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި އެހެނިހެން އިސްވެރިންނެވެ. އެންސްޕާގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ މުއައްސަސާގެ ސީ.އީ.އޯ ހީނާ ވަލީދާއި އެހެނިހެން އިސްވެރިންނެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މަޢުޟޫތަކުގެ ތެރޭގައި ސަބްސިޑީ އިސްލާޙުކުރުމުގެ މަސައްކަތާއި، ޑައިރެކްޓް ސަބްސިޑީ ދިނުމުގެ އިތުރުން އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ކަންކަން ހިމެނޭ ކަމަށް ފެނައިކައިން ބުނެފައިވެއެވެ.



