ކުރިއާ މެދުވެރިކޮށް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތްކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދެއްވިގޮތުގައި މިދިޔަ ހޯމަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެވުނު ޕެކޭޖެއްގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމާ ގުޅިގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މި މަސްތުވާތަކެތި ފެނިފައިވެއެވެ.
”އެ ޕެކޭޖު ބަލާ ފާސްކުރިއިރު، އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު. ފުރަތަމަ މަރުހަލާގައި އަޅުގަނޑުމެން އެ ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވްވެފަ،“ ކަސްޓަމްސްގެ ސީނިއަރ އޮފިޝަލެއް ވިދާޅުވިއެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 395 ގްރާމް ހުރިކަމަށާއި މި ތަކެތީގެ މަގުމަތީ އަގަކީ 987,500 ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ހިމެނޭ ފިރިހެނަކު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށް، މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވިއެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.




