އަނިޔާވެރިކަމުގެ ބިރުވެރި އަދި ނުރައްކާތެރި ބަސްތައް ބުނުމަކީ ޚިޔާލުފާޅުކުރުމާއި މިނިވަންކަމުގެ އިމުގެ ތެރޭގައި ކުރާކަމެއް ކަމަށް ދެކޭ ސިޔާސީ ޕާޓީއެއްގެ ސީރިއަސް މައްސަލަތަކެއް އުޅޭނެ ކަމަށް ވަ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިފަދަ ޢަމަލުތައް ވެރިކަމަށް ކުރިމަތިލާ ފަރާތްތަކުން ދިފާޢުކުރާނަމަ، އެފަދަ ވެރިކަމެއްގައި ރައްޔިތުން ވައްޓާލާނެ ބިރުވެރި ޙާލަތު ސިފަކުރެވޭ ކަމަށެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ އިޖްތިމާޢީ މީޑިއާ ޕްލެޓްފޯމް ”އެކްސް“ ގައި ކުރެވުނު ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސައިން ޝާފިއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ. ޝާފިއުގެ ޕޯސްޓުގައި ސިނގިރޭޓު އަގުބޮޑުވުމާ ގުޅިގެން ނުރުހުން ފާޅުކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކޮށް ހަޑިހުތުރު ބަހުރުވައިން ވާހަކަދައްކާފައިވެއެވެ. އަދި ”މަށަށް ކަލޭ މަގެއް މަތިން ނުފެންނާތި“ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ ޝާފިއު ހައްޔަރުކުރި ކުރުން ކުށްވެރިކޮށްފައެވެ. އެމްޑީޕީން ބުނާ ގޮތުގައި މިއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމެކެވެ.
ނަމަވެސް، ވަޒީރު ޚަލީލް ވިދާޅުވި ގޮތުގައި މިފަދަ ބިރުވެރި އަދި ނުރައްކާތެރި ބަސްތައް ބޭނުންކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައިގައި ތަޙްޤީޤު ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ހިންގާފައިވާނަމަ، އެކަމާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.



