މިދިޔަ އޮކްޓޯބަރު މަސް ފެށުނީއްސުރެ ނިމެންދެންހެން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ޚަބަރަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މަންބަރު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) އާއި ބ. ކަމަދޫ ޢީދު ޝޯއިން މިއަހަރު ގިނަ ބައެއްގެ ސަމާލުކަން އަމާޒުވި އާމިނަތު ޒާރާގެ ކައިވެނީގެ ވާހަކައެވެ.
ޒާރާ އާއި ސިޔާމް ކައިވެނި ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު، ސިޔާމްގެ ރިސޯޓެއް ކަމަށްވާ އިރުފުށި އައިލެންޑް ރިސޯޓުގައެވެ. ކައިވެނީގެ ބޮޑު ޚަފްލާއެއް ބޭއްވުމަށްފަހު، އެ މުނާސަބަތާ ގުޅިގެން އެރޭ އެރިސޯޓުގައި ވަނީ ހަވާވެސް އަރުވާފައެވެ. މީގެއިތުރުން އޭގެ ފަސްވަރަކަށް ދުވަސް ފަހުން އެދެމަފިރިން ވަނީ ޒާރާގެ އުފަން ރަށް ކަމުގައިވާ ކަމަދޫއަށް ޒިޔާރަތްކޮށް، އެރަށުގައި ވެސް ކުލަގަދަކޮށް ކައިވެނީގެ ޚަފްލާއެއް ބާއްވާ، ހަވާ އަރުވާފައެވެ. އަދި އެރަށުގައި އަސް ވެސް ދުއްވާފައިވެއެވެ.
މިއަހަރު ރާއްޖޭގައި ކުރެވުނު ކައިވެނިތަކުގެ ތެރެއިން މިއީ އެންމެ ކުލަގަދަކޮށް ބޭއްވި، އެންމެ ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބުނު އެއް ކައިވެންޏެވެ. އަދި ހަމައެއާއެކު މިއީ އެންމެ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެއް ކައިވެންޏޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ.
ޒާރާއާއި ސިޔާމްގެ ކައިވެނީގެ ވާހަކަތަށް ފެންމަތިވީ ދުވަހުން ފެށިގެން އެންމެ ގިނަބައެއްގެ ހިތްތަކުގައި އުފެދުނު ސުވާލަކީ އެ ދެމަފިރިން އެންމެ ފުރަތަމަ ދިމާވީ ކިހިނެއްތޯއާއި ކައިވެންޏަކާ ހަމައަށް ދަތުރުކުރި ގޮތުގެ ތަފްސީލެވެ.
ރާއްޖެޓީވީން މިއަދު ގެނެސްދިން ”ފަށާއިރު“ ޕްރޮގްރާމުގައި އެޝޯގެ ހޯސްޓު އާމިރު ވަނީ ޒާރާއާ ދިމާވީ ކިހިނެއްތޯ ސިޔާމްއާ ސުވާލުކޮށްފައެވެ.
”ޒާރާއާ އަޅުގަނޑު ދިމާވީ ’ތަނަކުން‘. ދިމާވެގެން އަޅުގަނޑު ހަމަ އިންޓަރެސްޓް އުފެދުނީ“ އެސުވާލު ކުރުމުން ލަދުވެތި ހިންޏަކާއެކު ސިޔާމް ކުރު ޖަވާބެއް ދެއްވިއެވެ.
ކައިވެންޏަށް ހުށަހެޅީ ކާކުތޯ ސުވާލު ކުރުމުން ސިޔާމް ވިދާޅުވީ ކައިވެންޏަށް ހުށަހެޅީ ނުވަތަ ޕްރޮޕޯސްކުރެއްވީ އޭނާ ކަމަށެވެ.
މީދޫ ދާއިރާގެ މެންބަރާ މިސުވާލު ކުރުމުގެ ކުރިން އާމިރު ވަނީ، ސިޔާމްއަކީ އަބަދުވެސް އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަންވެސް ވަރަށް ފާޅުގައި ކުރައްވާ ބޭފުޅެއްކަން ފާހަގަކޮށްފައެވެ. އެގޮތުން ކައިވެންޏެއް ކުރިކަމުގައިވިޔަސް ވަރަށް ކުލަގަދަކޮށް އެކަންކަން ކުރައްވާކަމަށާއި އެއީ ކީއްވެތޯ އާމިރު ސުވާލު ކޮށްފައިވެއެވެ.
”އަޅުގަނޑަކީ އަބަދުވެސް ވަރަށް ފާޅުގައި އުޅޭ މީހެއް. އެއްވެސް ކަމެއް ސިއްރިއްޔާތުގައި ކުރާހިތްވާ މީހެއް ނޫން އަޅުގަނޑަކީ. ދީނީ ގޮތުން ކޮންމެހެން ފޮރުވަން ޖެހޭ ކަމެއްވިއްޔާ ފޮރުވާނީ. ދެން އަޅުގަނޑު ކުރާ ކަމެއްވިއްޔާ ކުރަން ޖެހޭނީ އެންމެ ރަނގަޅަށް، އެހެންނޫނީ އެކަމެއް ނުކުރާނީ“ ސިޔާމް ވިދާޅުވިއެވެ.
އެ އިންޓަވިއުގައި އިތުރަށް ވާހަކަ ދައްކަވަމުން ސިޔާމް ވަނީ އޭނާގެ ރިސޯޓުތަކުގައި އަސް ގެންގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލާފައެވެ. އެގޮތުން އަހަކީ އޭނާ އެންމެ ކުޑައިރުވެސް އެންމެ ލޯބިވާ ޖަނަވާރުކަން ސިޔާމް ފާހަގަ ކުރައްވާފައިވެއެވެ.



