ދަ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ވަގަށް ސިގިރޭޓު އެތެރެކުރި ކަމަށް ބުނެ ފުލުހުން ހާޒިރުކޮށްގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ބައްދަލުވުން ސިއްރުކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ވިދާޅުވީ މި ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ މިއީ މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ކަމަށެވެ. މެންބަރު އަބްދުލްހަންނާނުގެ އެ ހުށަހެޅުއްވުން ފާސްކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިމައްސަލައާ ގުޅިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހޯމް މިނިސްޓްރީގެ މުވައްޒަފުންތަކަކާއި ކަސްޓަމްސްގެ އޮފިސަރުންތަކެއް ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފައެވެ.
ކަސްޓަމްސް އިން މިމައްސަލައާ ގުޅޭގޮތުން މީގެކުރިން ބުނެފައިވަނީ އޮކްޓޯބަރު 25, ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިލަފުށިން 8،475 ސިނގިރޭޓު ކާޓޫން އަތުލައިގެންފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ދަ ހޯކްސް ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި ހާދިސާގައި އެކުންފުނީގެ ބައިވެރިވުންވާކަމަށް ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި ގަވާއިދާ ޚިލާފު އެއްވެސް ކަމެއްގައި އެ ކުންފުނީގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެކަމުގައި ބައިވެރިވީކަމަށް ތުހުމަތު ކުރެވުނު މުވައްޒަފުންނާމެދު ވަގުތުން ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ.
ދަ ހޯކްސްގެ އުޅަނދެއް މެދުވެރިކޮށް ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާއި ގުޅިގެން، 25 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ރޭގަނޑު ގާތްގަނޑަކަށް 11:00 ހާއިރު، ތިލަފުށީގައި ގާއިމުކުރެވިފައިވާ އެ ކުންފުނީގެ ބޯޓު ޔާޑަށް ފުލުހުން ހާޒިރުވި ކަމަށާއި ތިލަފުށީގައި ހުންނަ ކުންފުނީގެ ބޯޑު ޔާޑަށް ފުލުހުން ހާޒިރުވެ، ބަލައި ފާސްކޮށްފައިވަނީ ބަލާ ފާސްކުރުމުގެ އަމުރެއް ނުވަތަ ކޯޓު އަމުރެއް އެވަގުތު ނެތިކަން ވެސް އެކުންފުނިން ފާހަގަ ކޮށްފައިވެއެވެ.
އެހެންނަމަވެސް އެކުންފުނީގެ މެނޭޖްމަންޓުންވަނީ ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދީ ގާނޫނާއި ހިލާފު އަމަލުތަކުގައި ބައިވެރިވެ އެއަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުރިހަމަ އެއްބާރުލުންދީފައި ކަމަށާއި އެ ކުންފުނީގެ ޓީމުން ވާނީ ފުލުހުންގެ ޓީމު ދަ ހޯކްސްގެ ބޯޓު ޔާޑަށް ވަނުމުގެ ފުރުސަތުދީ ކޯޓުއަމުރެއް ލިބެންދެން އެތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތުދީފައިކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުންނަށް އެއްބާރުލުން ދިނުމުގެ އިތުރުން މިހާދިސާ ހިނގުމާއި ގުޅިގެން އެ ކުންފުނީގެ ފަރާތުންވަނީ މިމައްސަލަ އިދާރީގޮތުން ތަހުގީގުކުރަން ފަށާފައި ކަމަށާއި އެގޮތުން، ކެމެރާ ފުޓޭޖުތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޢައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވިފައިވާ ކަމަށް ދަ ހޯކްސް އިން ބުންޏެވެ. އެހެންކަމުން އެ ކުންފުނިން ވަނީ ތުހުމަތު ކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ ތަހުގީގީ އިދާރާތަކަށް އެކަން ރިޕޯޓްކޮށްފައިކަން ވެސް ފާހަގަ ކޮށްފައިވެއެވެ.



