ރާއްޖޭގެ ޖަލުތަކުގެ އުމްރާނީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެްޖެއެވެ.
ޒަރީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖަލުތަކަކީ ސީދާ ޖަލުތަކެއްގެ ގޮތުގައި ޑިޒައިންކޮށްގެން ހަދާފައިވާ ތަންތަނެއް ނޫނެވެ. މިސާލަކަށް މާފުށީ ޖަލަކީ ކުރިން އެސްޓިއޯއިން މަސްފެކްޓްރީއެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ.
މިފަދަ ސަބަބުތަކާ ހުރެ ގައިދީންނަށް ޚާއްސަކޮށްގެން ހަދާފައިވާ ޖަލުތަކެއް ނެތުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ފާއިތުވި އެއް އަހަރުގެ ތެރޭގައި ގައިދީންނަށް ޖަލުތަކުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރުވެސް ޖަލުތަކުގެ ހާލަތު ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި ފާއިތުވި އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެވުނީ ގައިދީންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ރަނގަޅު ކުރުމާއި ތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
”އެގޮތުން އެކި ބާވަތުގެ 68 ރެނޮވޭޝަންގެ މަސައްކަތްތަކެއް އަޅުގަނޑުމެން ކޮށްފައިވާނެ. އޭގެ އިތުރުން މުހިންމު މަސައްކަތެއްގެ ގޮތުގައި ހިންމަފުށީގައި 200 ވަރަކަށް މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވިއްޖެ،“ ޒަރީރު ވިދާޅުވިއެވެ. ”މިއީ ތާރީޚުގައި ފުރަތަމަ ފަހަރަށް މިސްކިތެއް މި ހުޅުވުނީ ވެސް. އަދި ސެކިއުރިޓީ ބައުންޑްރީ ފާރެއް ރާނާ ނިންމުންވެސް ހިމެނޭ. މިއީ ބާރަހާސް އަކަ ފޫޓުގެ ފާރެއް.“
މީގެއިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އަމިއްލަ އޮފީހެއް ފާއިތުވި 53 އަހަރު ދުވަހުގެ ތެރޭގައި ނެތް ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިމްތިޔާޒެއްގެ ދަށުން އޮފީހެއް ގާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި ކުރިއަށް ވުރެ މިހާރު ޖަލުތަކުގެ ސެކިއުރިޓީ ވެސް ވަރުގަދަ ވާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.



