އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް ދަ އެންވަޔަރަންމަންޓް (އޭ.ޕީ.އާރް.އެފް.އެޗް.އީ) ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ހުށަހެޅުމަކާ ގުޅިގެން އިއްޔެ ބޭއްވި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އޭ.ޕީ.އާރް.އެފް.އެޗް.އީގެ މެންބަރަކަށްވުމުން ރާއްޖެއަށް ސިއްޙަތާއި ތިމާވެއްޓާ ގުޅުންހުރި ސިޔާސަތުތަކާއި ޤައުމީ ޕްލޭންތައް އެކުލަވާލުމާއި ތަންފީޒުކުރުމަށް ސަރަޙައްދީ އެއްބާރުލުން ލިބި ރާއްޖޭގެ ތިމާވެއްޓާއި ސިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ވަކާލާތު ކުރުމާއި، ސަރަޙައްދީގޮތުން އެކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެއިތުރުން، ސިއްޙީ އަދި ތިމާވެށީގެ ދާއިރާއިން ޚިދުމަތްދިނުމުގައި ޑިޖިޓަލް ހެލްތު ބޭނުންކުރުމުގެ ލުއިފަސޭހަކަން ލިބި، ފަންނީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ. އަދި ފޯރަމްގެ ނޮލެޖު ނެޓްވަރކްގެ ޒަރިއްޔާއިން ދިރާސީ މަސައްކަތްތަކަށް އެހީތެރިކަން ލިބިގެންދާނެއެވެ.
މީގެ އިތުރުން، ތިމާވެއްޓަށް ބޭރުކުރާ ވިހަ މާއްދާތަކުގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޢާންމު ސިއްޙަތަށް ހުރި ނުރައްކާތައް ވަޒަންކޮށް މިންކުރުމަށް މަގުފަހިވެގެންދާނެއެވެ.
އޭޝިޔާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް ދަ އެންވަޔަރަންމަންޓަކީ 2004 ވަނަ އަހަރު އުފެއްދުނު ފޯރަމެކެވެ.



