ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް ނިމި، ވަރަށް އަވަހަށް ހުޅުވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް މިހާ ކާމިޔާބުކަމާއެކު ނިންމާލެވުނީ ސްޓެލްކޯގެ ހިތްވަރުގަދަ، ޚިދުމަތްތެރި، ޤާބިލް އަދި ހުނަރުވެރި މުވައްޒަފުންގެ ސަބަބުން ކަމަށެވެ.
ސްޓެލްކޯ ބިޒްނަސް ސެންޓަރު ފަރުމާކޮށް އިމާރާތްކުރުމުގައި ކުންފުނީގެ މުވައްޒަފުން ދައްކުވައިދިން ހިތްވަރާއި، ކުންފުންޏަށް ބޮޑު އަދަދެއްގެ ފައިސާ ސަލާމަތްކޮށްދިނުމުގައި ހޯދި ކާމިޔާބީއަށް ތަޢުރީފުކުރައްވާ ފަހުމީ ވިދާޅުވި މިކަމުން ސްޓެލްކޯ ޓީމުގެ ހުނަރުވެރިކަމާއި، ތަޖުރިބާ އަދި ވަފާތެރިކަން ދައްކުވައިދޭ ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ، ވަރަށް އަވަހަށް މި ސެންޓަރު ރަސްމީކޮށް ހުޅުވޭނެ ކަމަށެވެ. އަދި މި ފުރުސަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށްވެސް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސްޓެލްކޯގެ ބިޒްނަސް ސެންޓަރު އެޅުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކޮށްފައިވާއިރު، ފަހުމީ މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، ސްޓެލްކޯގެ މުވައްޒަފުން ލައްވާ މި މަސައްކަތް ކުރުމުން އެ ކުންފުންޏަށް ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ވަނީ ސަލާމަތްކުރެވިފައެވެ.
މި ސެންޓަރަކީ އިންޖީނުގެއަކަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ލިބޭގޮތަށް ސްޓެލްކޯއިން އިމާރާތްކޮށްފައިވާ ތަނެކެވެ. މި ސެންޓަރުގައި އިންޖީނުތަކާއި، ޓްރާންސްފޯމަރުތަކާއި، ކޭބަލްތަކާއި، އަދި އިއާދަކުރަނިވި ހަކަތައަށް ބޭނުންވާ ފުރިހަމަ ހައްލުތައް ފޯރުކޮށްދޭނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ސްޓޯރޭޖް ސިސްޓަމްތައްވެސް މި ސެންޓަރުގައި ހިމެނޭނެ ކަމަށާއި، މިއީ ދިވެހިރާއްޖެއަށް ދިމާވެދާނެ ކުއްލި ހާލަތްތަކަށް ރަނގަޅަށް ތައްޔާރުވުމަށް ކުރެވޭ ކަމެއް ކަމަށްވެސް ފަހުމީ ވިދާޅުވެފައިވެއެވެ.



