ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ ސްޓޭޓް އޯން އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ތަކުން ގެސްޓްހައުސްއާއި ރިޒޯޓް ހަދައި، ވިޔަފާރި ކުރަން ފެށުން އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް އެޅުމާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ގެސްޓް ހައުސް ހިންގުމުގެ މަސައްކަތް ކުރުން އެއީ ފައިދާހުރި ގޮތެއްތޯ ބެލުމަށް އެ ކޯޕަރޭޝަނުގެ ބޯޑާއި ހިއްސާދާރުން ވިސްނަން ޖެހޭ ކަމަށެވެ.
”ހުރިހާ ކުންފުނިތަކުން، އެޗްޑީސީއާއި، ހައްޖު ކޯޕަރޭޝަނާއި، ފެނަކައާއި އެންމެން ވެގެން ގެސްޓްހައުސްއާ ރިޒޯޓް ހެދީމަ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،“ މިނިސްޓަރު ވިދާޅުވިއެވެ.
އެ ކޯޕަރޭޝަނުން ހަވާލުވަނީ ފަންޑް ލިބުމުން، އެ ފަންޑު މެނޭޖްކޮށް، އެއިން މީހުން ހައްޖަށް ފޮނުވުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ނަތީޖާ ރަނގަޅުވާނީ، ކުންފުނީގައި އެކްސެސް ފަންޑު ހުރެއްޖެނަމަ އެކަމުގެ ސްޕެޝަލިސްޓުންނާ ހަވާލުކޮށްގެން ފަންޑު މެނޭޖްކޮށްގެން އޭގެ ފައިދާ ކުންފުންޏަށް ހޯދުމުން ކަމަށެވެ.
ހައްޖު ކޯޕަރޭޝަނުން އަންނަނީ އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ރިއަލް އެސްޓޭޓް ދާއިރާއަށް އިންވެސްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.


