މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން ތައިލެންޑުގައި ތަމްރީނު ހޯދުމާ ބެހޭ ގޮތުން އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްއާ އެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ދަޢުވަތަކަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު އެ ގައުމަށް ކުރެއްވި ޒިޔާރަތެއްގައެވެ.
މި ދަތުރުފުޅުގައި ކޮމިޝަނަރ ޒަރީރު ވަނީ ތައިލެންޑުގެ ޖަސްޓިސް މިނިސްޓްރީ އަދި ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ޓީމު ވަނީ ޗިއަންމައި ސެންޓްރަލް ޕްރިޒަން އާއި ބެންކޮކްގެ އެކި ކަރެކްޝަނަލް ފެސިލިޓީތަކަށް ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި ދިވެހި ޓީމުން ވަނީ ތައިލެންޑުގެ ޖަލުތަކުގައި ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި، އެހެނިހެން ފަންނުވެރިކަމުގެ މަސައްކަތްތަކާއި، ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ގޮތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯދާފައެވެ. މީގެ އިތުރުން، ދެ މުއައްސަސާގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަޢުލޫމާތު ދީފައިވެއެވެ.
ކޮމިޝަނަރ ޒަރީރުގެ މި ދަތުރުފުޅުގައި ކަރެކްޝަންސް ސާވިސްގެ ޖަލުތަކުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ޖަލު ނިޒާމު އިތުރަށް ހ އިތުރަށް ހަރުދަނާކޮށް، އެމްސީއެސްގެ އޮފިސަރުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.




