ޗައިނާ ސަރުކާރުގެ ފަރާތުން ކ.ގުރައިދޫ ކައުންސިލަށް 100 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ.
ޗައިނާގެ ސަފީރުގެ އިސްނެންގެވުމުގެ މަތިން ހަދިޔާކޮށްފައިވާ މި މަގުބައްތިތައް ގުރައިދޫ ކައުންސިލަށް ހަވާލުކޮށްދެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ލިޒިންއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެވަޑައިގަތީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
މަގުބައްތިތައް ހަދީޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ލިޒިން ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތީ ޒަމާންވީ ގުޅުމެއްކަމަށާއި، ޗައިނާއިން އަބަދުވެސް މަސައްކަތްކުރާނީ ދިވެހީންނަށް ބޭނުންވާ ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމަށްކަމަށެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނައިބު، އަލްއުސްތާޛް މޫސާ ފަތުޙީ އާދަމް ވިދާޅުވީ ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ކައުންސިލްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ކަމަށާއި މިކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.
ޗައިނާ އެމްބަސީއިން ހާމަކޮށްފައިވާ ގޮތުގައި ޗައިނާއިން ގުރައިދޫ ކައުންސިލަށް ހަދިޔާކުރި މަގު ބައްތިތައް މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިމަހު ފަހުކޮޅު ނުވަތަ އަންނަ ޖެނުއަރީގެ ކުރީކޮޅު މި މަގު ބައްތި ޝިޕްމަންޓް ރާއްޖެއަށް އަންނާނެކަމަށް ބުނެފައިވެއެވެ.



