މިސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ އިގްތިސާދީ ފިޔަވަޅުތަކާއެކު ބޭރު ފައިސާގެ ރިޒާވް އިތުރުވެ، މާލީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ބައިނަލްއަޤްވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑިސްއިން ބުނެފިއެވެ.
މޫޑީސްއިން ނެރުނު ބަޔާނެއްގައި ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމުގައި ރާއްޖޭގެ މާލީ ހާލަތު ކުރިއަށްވުރެ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައި ބުނެފައި ވަނީ ފާއިތުވި މަސްތަކުގައި، ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިންގ ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށެވެ.
އެގޮތުން، މޫޑިސްއިން ބަޔާންކޮށްފައިވާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހު، ދިވެހިރާއްޖެއާއި އިންޑިއާއާއެކު 400 މިލިއަން ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް އެއްބަސްވުމެއް ޤާއިމުކޮށްފައިވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ޓެކްސް ރޭޓުތަކަށް ގެނެސްފައިވާ ބަދަލުތައް ތަންފީޒުވެގެން ދިއުމާއެކު، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެން ދާނެކަމަށް އަންދާޒާ ކުރެވުނު ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށާއި ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެކަމަށް މޫޑިސްއިން ބުނެފައިވެއެވެ.
މޫޑީސްއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގ އެ މިންގަނޑުގައި ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ރާއްޖެއަށް ބޭރު ފައިސާއިން ފައިނޭންސިންގ ހޯދޭ މިންވަރަށާއި، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގެ މައްޗަށެވެ.
މޫޑިސްއިން މިދިޔަ ސެޕްޓެމްބަރު ލމަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 އަށް ވަނީ ބަދަލުކޮށްފައެވެ. މިއަދު މޫޑީސްއިން ނެރުނު ރޭޓިންގައި ވަނީ އިތުރަށް ރާއްޖޭގެ ރޭޓިން ދަށްނުކޮށް، ސީއޭއޭ2 ގައި ދަމަހައްޓާފައެވެ.




