ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާއި ކަނޑުމަތީގައި ހަރަކާތްތެރިވާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް އޯކްލެންޑް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލްފާޟިލް ތޯރިގް އިބްރާހީމެވެ.
އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ކަނޑުމަތީގައި ހަރަކާތްތެރިވާ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ޤާބިލުކަން އިތުރުކުރުމެވެ. މި ދިރާސާތަކުގެ އަލީގައި ދޫނިތައް އުޅޭ މާޙައުލާއި އެ ތަކެތީގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މުހިންމު މަޢުލޫމާތުތައް އެއްކުރެވޭނެ ކަމަށް އީޕީއޭ އިން ބުނެފައިވެއެވެ.
މީގެ އިތުރުން، މި ދިރާސާތަކުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ދޫނިތައް ދިރިއުޅޭ މާޙައުލު ރައްކާތެރިކުރުމަށާއި، ”އިންވޭސިވް ސްޕީޝީސް“ ތަކުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އީޕީއޭ އިން ފާހަގަކޮށްފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ ދިރާސާތަކުގެ ނަތީޖާތައް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ޚާއްޞަކޮށް ދޫނިތަކުގެ ނަސްލު ދެމެހެއްޓުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




