ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް އަލްއުސްތާޛާ މަރްޔަމް އިންޝާ ފައިޞަލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އެންއައިސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށްޓަކައި މަރްޔަމް އިންޝާ ފައިޞަލްގެ ނަން، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މި ނަން ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ މަޤާމަށް އިންޝާ އައްޔަންކުރުމަށް ފާސްވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.
އެންއައިސީއަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ އިންޝާ ފައިޞަލަކީ ޤާނޫނީ ދާއިރާއިން ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައިވެސް މަސައްކަތްކުރައްވާފައެވެ. އެ ކޮމިޝަން އުވާލުމަށްފަހު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން 2015 ވަނަ އަހަރު އުފެދުމާއެކު އިންޝާ ވަނީ އެ ކޮމިޝަންގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހާ ހަމައަށްވެސް އޭނާ ހުންނެވީ އެ މަޤާމުގައެވެ. މިހާރު އިންޝާ ދަނީ މާސްޓަރސް ޑިގްރީ ޙާސިލްކުރައްވަމުންނެވެ.
އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވަނީ އެ ކޮމިޝަންގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި 5 މެންބަރުން ތިއްބަވައެވެ.



