ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
ސައުދުﷲ ހިލްމީ މި މައްސަލަ އެލްޖީއޭއަށް ހުށަހެޅުއްވީ ތިނަދޫގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ބޭނުންވާ 10،150 މީހުން ހަމަނުވާ ކަމަށް ބުނެއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އަދަދު ހަމަކޮށްފައިވަނީ އެތައް އަހަރެއް ކުރިން ރަށުގެ ރަޖިސްޓްރީން ކެނޑިފައިވާ ނުވަތަ މަރުވެފައިވާ މީހުން ލިސްޓުގައި ހިމަނައިގެންނެވެ.
މީގެ ކުރިން، މިދިޔަ އާދިއްތަ ދުވަހު ސައުދުﷲ ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅުއްވާފައެވެ.
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ 2023 ވަނަ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހު، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އޭގެ ފަހުން މިހާރުގެ ސަރުކާރުންވެސް ވަނީ އެކަން އެގޮތަށް ބާއްވަން ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން، މީގެ ކުރިން ތިނަދޫއިން ސިޓީގެ ދަރަޖަ އަތުލުމަށް އެދި ޤާނޫނީ ވަކީލު މުޙައްމަދު ރާޣިބު އަޙްމަދު ވަނީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލަ ހުށަހެޅި ޚަބަރު ނޫސްތަކުގައި ޝާއިޢުވި ދުވަހު، ރައީސް އޮފީހުން ވަނީ އޭނާ އަދާކުރަމުން ގެންދިޔަ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަޤާމުން ވަކިކޮށްފައެވެ.



