ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަކީ، ދިވެހި ތާރީޚުގައި މަސްވެރިކަމުގެ ސިނާޢަތަށް، ރިޔާސީ ދައުރެއްގައި އެންމެ ބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްކަމުގެ ޔަޤީންކަން އޮތް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކެޔޮޅުންނާ ބައްދަލުކުރެއްވުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، މިކަން ޔަގީންވަނީ ޒަޢާމަތުގެ ފުރަތަމަ އަހަރު އެކަނި މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް އެމަނިކުފާނުގެ ކުރައްވަން ފެއްޓެވި މުހިއްމު ގިނަ މަސައްކަތްޕުޅުތަކުން ކަމަށެވެ.
”ސިނާޢަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ،“ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން، މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރެއްވުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ ކަންތައް ކަމަށް ވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މިއަދު ރައީސް އޮފީހުގައި ކެޔޮޅުންނާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ކެޔޮޅުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އަވަސް މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން މަސައްކަތްކުރައްވާނީ މަސްވެރިންނާއި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


