ކުޑަކުދިން ކުޅޭ ސަރަހައްދަކާއިއެކު ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައިވާ ވޯޓާ ތީމް ޕާކު އަލުން ހަދަން ފަށަން ނިންމާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ވޯޓަރ ތީމް ޕާކާއި، އެ ޕާކް ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ ޕްލޭން ޑިޒައިންކުރުމުގެ މަސައްކަތް ސްރީލަންކާގެ ބަޔަކާއެކު ކުރިއަށްދާ ކަމަށާއި މިވަގުތު އެކަމުގެ އީއައިއޭވެސް ކުރިއަށްދާ ކަމަށެވެ.
އެމަސައްކަތަށް ބޭނުން ކުރާ ވެލިން ހުޅުމާލެ އިތުރަށް ހިއްކަން ނިންމާފައިވާކަން ހާމަކުރައްވާ ފަޒުލް ވިދާޅުވީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ފަށައި، އެތަނުގައި އެޑްވެންޗާ ޕާކެއް ވީހާވެސް އަވަހަކަށް ތަރައްގީކުރާނެ ކަމަށެވެ.
”ވޯޓާ ތީމް ޕާކުގެ މައްސަލައަކީ ދުވަސްވީ އަދި ޒަމާންވީ މައްސަލައެއް، ހުޅުމާލޭގެ ބޮޑު ސަރަހައްދެއް އޭގެ ޒާތުގަ، ނުކުރެވި އޮތް ކަމެއް. އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އެތަނުގައި ވޯޓާ ތީމް ޕާކަކާއި ކުޑަ ކުދިން ކުޅޭ ވޯކާޓް ފެސިލިޓީ އަދި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް.“ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.
ވޯޓަރ ތީމް ޕާކަކީ 2017 ވަނަ އަހަރު، ގާތްގަނޑަކަށް 35 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމި މަޝްރޫޢެކެވެ. މިމަޝްރޫގައި ޕާކުގެ ބައެއް އިމާރާތްތަކުގެ ސްޓްރަކްޗަރަލް މަސައްކަތް ފިޔަވާ މާ ބޮޑު މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވާއިރު އޭރު އެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވޯޓަރ ފްރޮންޓް ހޮޓެލް އެންޑް ލޭޝަރ ކުންފުންޏާއެވެ. އެހެންނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވުމުން، އެޗްޑީސީން ވަނީ އެކުންފުންޏާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައެވެ.
އެޗްޑީސީން އެއިރު ހާމަކޮށްފައިވާ ގޮތުގައި ވޯޓަރ ތީމް ޕާކު ތަރައްގީ ކުރަނީ 50 ކޮޓަރީގެ ހޮޓަލަކާ އެކު، ސްޕައިރަލް ސްލައިޑްސް، ސްޕީޑް ސްލައިޑްސް އަދި ފެމެލީ ސްލައިޑްސްތަކުގެ އިތުރުން ކުޑަކުދިންގެ ޕޫލަކާއި، ބަމްޕަރ ބޯޓްސް އަދި ވޯޓަރ ހައުސްތަކެއް ޤާއިމުކޮށްގެންނެވެ. މީގެތުރުން ވޯޓަރ ރޯލާރސް، ވޯޓަރ ގައިރޯ، އަކުއަރ ލޫޕްސް، ފައުންޓެއިން ސްކޮޔަރ އަދި ކޯރެއްވެސް ތަރައްޤީކުރާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.




