ރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވި ބާ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 57 އިންސައްތަ ދަރިވަރުން ފާސްވެއްޖެއެވެ.
ބާ ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިނިމަމް ކޮމްޕިޓެންސީ ތްރެޝްހޯލްޑް ހާސިލުކޮށް، އިމްތިހާނުން ފާސްވެފައިވަނީ 57 ޕަސެންޓް ދަރިވަރުން ކަމަށެވެ.
މީގެ އިތުރުން، އިމްތިހާނުން އެންމެ މަތީ ދަރަޖަ 14 ފަރާތަކުން ހާސިލުކޮށްފައިވާ ކަމަށްވެސް ބާ ކައުންސިލުން ބުނެފައިވެއެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ބާ އިމްތިހާނުގައި ޖުމްލަ 183 ދަރިވަރުން ބައިވެރިވެފައިވާއިރު، މި އިމްތިހާނުގައި މައިގަނޑު ހަ ދާއިރާއަކުން ސުވާލުތައް ހިމަނާފައިވާކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ. އަދި މިއަހަރުގެ ބާ އިމްތިހާނު އިންތިޒާމުކޮށްފައިވަނީ ޔޫއެސްއެއިޑާއި އެމެރިކަން ބާ އެސޯސިއޭޝަންގެ އެހީތެރިކަމާއެކުގައިކަންވެސް ފާހަގަކޮށްފައިވެއެވެ.
ބާ އިމްތިހާނަކީ ގާނޫނީ ފަންނު ހަރުދަނާކުރުމަށްޓަކައި، ގާނޫނީ ފަންނާ އަލަށް ގުޅޭ ފަރާތްތަކަކީ ގާނޫނީނޫނީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ގާބިލު ބައެއްކަން ކަށަވަރުކުރުމުގެ ބޭނުމުގައި ބާއްވާ އިމްތިހާނެކެވެ. ރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ޤާނޫނީ ވަކީލަކަށްވުމަށް ކަނޑައަޅާފައިވާ ތިން އަސާސީ ޝަރުތުތަކުގެ ތެރޭގައި ބާ އިމްތިހާނުން ފާސްވުން ހިމެނެއެވެ.



