ފެނަކަ ކޯޕަރޭޝަން ހިންގުމާ މި ސަރުކާރުން ހަވާލުވިއިރު، އެ ކުންފުންޏަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ސްޓާފުން ތިބި ކަމުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގެ ރޭގެ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ފެނަކަގެ އެމްޑީ ވިދާޅުވީ މި ސަރުކާރުން ފެނަކަ ހިންގުމާ ހަވާލުވީއިރު އެކުންފުނީގައި ބޮޑެތި ދަރަނިތަކެއް ވެސް ހުރި ކަމަށާއި އިތުރު ގޮންޖެހުންތައް ވެސް ހުރި ކަމަށެވެ. އަދި އެހުރިހާ ކަމަކާއެކު ވެސް ކުންފުނި ސަލާމަތް ކުރުމަށާއި ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް އެކުންފުނިން މި ފާއިތުވީ އެއް އަހަރު ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
”މި ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. އަޅުގަނޑުމެންނާއި ސަރުކާރާ ގުޅިގެން މިދިޔަ އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ މިއަދު މިހާލަތުގައި ވެސް އަޅުގަނޑުމެންގެ މި ކުންފުނި ދެމިއޮތުން“ ފެނަކަގެ އެމްޑީ ވިދާޅުވިއެވެ.
މީގެއިތުރުން މުއާޒް ވިދާޅުވީ ފެނަކަ ހިންގުމުގައި ވަރަށް ބައިވަރު ގިންޖެހުންތައް ހުރި ކަމަށެވެ. އެގޮތުން ފެނަކައަށް ބޭނުންވާ ވަރަށްވުރެ ސްޓާފުންވެސް ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ.
”ބޭނުންނުވާ މިންވަރަށް ކުންފުނީގައި ސްޓާފުން އެބަތިބި. އަޅުގަނޑުމެން އައިސް ބެލިއިރު ކުންފުނީގެ ސްޓާފުންނަށް ހޭދަ ކުރަންޖެހޭ ލިބޭ އާމްދަނީގެ 38 ޕަސެންޓު. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް އެއަދަދު ދަށްކުރެވިއްޖެ 35 ޕަސެންޓަށް. އެއީ ރެވެނިއު އިތުރުވުމާއި އެއާއެކީ ސްޓާފުން މަދުވެސް ކޮށްގެން“ މުއާޒް ވިދާޅުވިއެވެ.
ފެނަކަގެ އެމްޑީ އިތުރަށް ވިދާޅުވީ އަދިވެސް މިއީ ބޮޑު އަދަދެއް ކަމަށާއި އެންމެ ރަނގަޅަށް ކުންފުނި ހިންގޭނީ އެންމެ މަދުވެގެން 28 ޕަސެންޓާ ހަމައަށް އެއަދަދު ދަށް ކުރެވިގެން ކަމަށެވެ.



