މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މާޓާޓޯ) އިން އެ ޖަމްޢިއްޔާގެ އަހަރީ އާޓް މުބާރާތާއި މައުރަޒު ކަމަށްވާ ”ފްރޭމް ބައި މާޓާޓޯ“ ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ދިވެހި އުފެއްދުންތެރިންގެ ހުނަރު ފާހަގަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތް ފަންނުވެރިން ބޭނުންކޮށްގެން ދައްކާލުމަށް ޚާއްޞަކޮށްގެން ބާއްވާ ހަރަކާތެކެވެ.
އެގޮތުން އެ މައުރަޒުގެ 2025 ވަނަ އަހަރުގެ އެޑިޝަންގެ މަޢުޟޫއަކީ ”ދަ މޯލްޑިވިއަން މިސްޓިކް“ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ 10 ޑިސެމްބަރު 2024 އިން 20 ޖަނަވަރީ 2025 އަށެވެ. މި މުބާރާތުގައި ހަތަރު އުމުރުފުރައެއްގެ ފަންނުވެރިންނަށް ބައިވެރިވެވޭނެއެވެ.
ހުށަހެޅޭ ފަންނުވެރިންގެ މަސައްކަތްތަކަށް ފަނޑިޔާރުކަން ކުރަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ހިމެނޭ ޕެނަލައަކުންނެވެ. މި ހުށަހެޅުންތަކުގެ ތެރެއިން ކޮންމެ އުމުރުފުރައަކުން 10 މަސައްކަތެއް ޝޯޓްލިސްޓްކޮށް، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނެޝަނަލް އާޓް ގެލެރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޓާޓޯގެ އާޓް މައުރަޒުގައި ބައިވެރިކުރާނެއެވެ.
މާޓާޓޯގެ އާޓް މުބާރާތާއި މައުރަޒު ބާއްވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ)، އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް)ގެ އެއްބާރުލުމާއި އެކުގައެވެ.
މި މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު އަދި މަސައްކަތްތައް ހުށަހަޅާނެގޮތުގެ މަޢުލޫމާތު ފްރޭމް ބައި މަޓާޓޯގެ ވެބްސައިޓް www.framebymatato.com އިން ލިބިވަޑައިގަންނަވާނެއެވެ.




