އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، ޑޮކްޓަރ މަންމޯހަން ސިންގްގެ ހަނދާނުގައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވައިފިއެވެ.
ރައީސް ލިޔުއްވި މެސެޖުގައި، ޑޮކްޓަރ ސިންގްއަކީ ތަޖުރިބާކާރު ސިޔާސީ ލީޑަރެއްގެ ގޮތުގައި ފާހަގަކުރައްވައި، އޭނާގެ ޙިކުމަތްތެރި ނިންމުންތަކުން ގިނަ ބައެއްގެ އިޙްތިރާމް ލިބިވަޑައިގެންފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 2011 ވަނަ އަހަރު ޑޮކްޓަރ ސިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ހަނދާން އާކުރައްވައި، އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް އިތުރު ބާރެއް ލިބުނުކަމަށް ވިދާޅުވިއެވެ.
ރައީސް އެ މެސެޖު ނިންމަވާލެއްވީ، މި ހިތާމަވެރި ވަގުތުގައި ޑރ. ސިންގްގެ އާއިލާއަށާއި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވަމުންނެވެ.
ޑޮކްޓަރ މަންމޯހަން ސިންގް އަވަހާރަވެފައިވަނީ މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.


