ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރޭ އިންޑިއާއަށް ވަޑައިގެންފައެވެ.
މިއީ އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅާ ގުޅޭ އިތުރު މަޢުލޫމާތެއް ފޮރިން މިނިސްޓްރީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިސަރުކާރުން ވެރިކަމަށް އައިއިރު، ރާއްޖެއާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެފައިވީ ނަމަވެސް ސަރުކާރުން ވަނީ ދެގައުމުގެ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.




