ހުޅުމާލޭ ފޭސް 2 ގައި ފުލުހުންގެ ކާރަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓުގެ މަންޒަރު ދުށް ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ 2024 ޑިސެންބަރު 27 ވަނަ ދުވަހުގެ 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުއްފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގުލްއަލްމާ މަގާއި ނިރޮޅު މަގު ގުޅޭ ހިސާބުގައި، އެ މަގުގެ އިރުމަތިން ހުޅަނގަށް ދުއްވަމުންދިޔަ ފުލުހުންގެ ވެހިކަލަކާ، ދެކުނުން އުތުރަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ފަހުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން އޭނާއަށް ފުރަތަމަ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ފަހުން އައިޖީއެމްއެޗްއަށް ވަނީ ބަދަލު ކޮށްފައެވެ.
ފުލުހުން މިއަދު ވިދާޅުވީ މި އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް އެދިލައްވާ ކަމަށެވެ.



