ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ކަމަށް ބެލެވޭ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސް، އޭގެތެރެއިން ދެމީހަކު ޑީޕޯޓު ކޮށްލައިފިއެވެ.
މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ބިދޭސީ 04 އަންހެނަކާއި 03 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.
މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެތެރެއިން 02 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، ބާކީ 05 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން މި މައްސަލައާ ގުޅޭގޮތުން މިފަހަރު އަތުލައިގެންފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ތިން ފިފިހެނަކާއި، ބަންގްލަދޭޝް އަންހެނަކާއި، ރަޝިއާގެ ދެ އަންހެނަކާއި ޔުގަންޑާއަށް ނިސްބަތްވާ އަންހެނެކެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބެލެވޭ ބިދޭސީންތަކެއް މީގެ ކުރިން ވެސް އިމިގްރޭޝަނުން ވަނީ ހޯދައި، ގިނަ ބިދޭސީންތަކެއް ޑީޕޯޓު ވެސް ކޮށްފައެވެ.



