ޗައިނާގައި ފެތުރެމުންދާ މޫސުމީ ބަލިމަޑުކަމާއި ގުޅިގެން އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފައިނުވާ ކަމަށް ޞިއްޙީ ރައްކާތެރިކަމުގެ އިދާރާ (އެޗްޕީއޭ) އިން ބުނެފިއެވެ.
މި މައުލޫމާތު އެޗްޕީއޭ އިން ހާމަކޮށްފައިވަނީ ޗައިނާގައި ނޭވާލާ ނިޒާމާ ގުޅުންހުރި ބަލިތައް އާދަޔާ ޚިލާފަށް އިތުރުވެ، އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާއި ގުޅިގެން އެއޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެޗްޕީއޭ އިން ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ މެދުވެރިކޮށް ޗައިނާގެ ބަލިތަކާބެހޭ މަރުކަޒު، ސީޑީސީ އާ ހަވާލާދީ، ބުނެފައި ވަނީ އެ ޤައުމުގެ އެކި ސަރަހައްދުތަކުގައި ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާއިން ފެށިގެން ނޭވާލާ ނިޒާމާ ގުޅުންހުރި ބަލިތައް އިތުރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މި މޫސުމުގައި ޗައިނާގައި މިފަދަ ބަލިތައް ފެތުރޭ މިންވަރާއި، ބަލީގެ ޝިކާރައަކަށްވާ މީހުންގެ އަދަދު މަދުކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައިވެއެވެ.
އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ، ޗައިނާ ހިމެނޭގޮތަށް ގިނަ ޤައުމުތަކެއްގައި ފިނިމޫސުމާ ދިމާކޮށް އާންމު ގޮތެއްގައިވެސް ނޭވާލާ ނިޒާމާ ގުޅުންހުރި ބަލިތައް އަލިތައް އިތުރުވާ ކަމަށާއި މިއަހަރުގެ ހާލަތާ ގުޅިގެން ޗައިނާގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފައިނުވާ ކަމަށެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިދުވަސްވަރު ޗައިނާގައި އެންމެ ގިނައިން ފެތުރެމުންދަނީ އިންފްލުއެންޒާ އެވެ. މީގެ އިތުރުން ނޭވާލާ ނިޒާމާ ގުޅުންހުރި އެހެނިހެން ބަލިތައްވެސް ފެތުރެމުންދާކަން ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއާ ހަވާލާދީ އެޗްޕީއޭ އިން ފާހަގަކޮށްފައިވެއެވެ. އަދި ޗައިނާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މިއީ ގިނަ އަދަދެއްގެ މީހުން އުމްރާއަށާއި އެހެނިހެން ބޭނުންތަކުގައި ރާއްޖެއަށް އަންނަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށް، އެޗްޕީއޭ އިން ބުނެފައިވަނީ މި ދުވަސްވަރު ރާއްޖޭގައިވެސް ނޭވާލާ ނިޒާމާ ގުޅުންހުރި ބަލިތައް އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިގޮތުން ހުންއައުމާއި، ގައިގައި ރޯގާޖެހުމާއި، އަދި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިރުޝާދު ދީފައެވެ. މީގެ އިތުރުން، ނޭވާ ހިއްލުން ފަދަ ނޭވާލާ ނިޒާމާ ގުޅުންހުރި ބަލިތަކަށް ހުށަހެޅޭ ފަރާތްތަކާއި، ދިފާއީ ބާރު ދަށް މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، އަދި މާބަނޑު އަންހެނުންނަށް މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިކަން ހޯދުމަށްވެސް އެޗްޕީއޭ އިން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.




