ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހަވީރު ކ. ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ގުޅީ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ކައުންސިލުން ވަނީ އިދާރާގެ ޖާގައިގެ ދަތިކަން ފާހަގަކޮށް، އައު އިދާރާއެއް ޤާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ޔަޤީންކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރަށުގެ އެންމެ އިސް ބޭނުންތަކުގެ ތެރޭގައި ހިމެނޭ ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން، ގުޅިއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުންދާ ރަށަކަށްވެފައި، ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ދަތިކަމާއި ލެބޯޓަރީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ގުޅީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.




