އެކިއެކި ސަބަބުތަކާ ގުޅިގެން ފަންނާނުން އެމީހުންގެ އަސްލު ނަން ނޫން އެހެން ނަމެއް ސްޓޭޖް ނަމެއްގެ ގޮތުގައި ގެންގުޅުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެސް ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ.
ބައެއް މީހުން އެކަން ކުރަނީ އެމީހުން ޤަބޫލުކުރާ ފަލަކީ ކަންތައްތަކަކާ ގުޅުވައިގެންނެވެ. އަދި ބައެއް މީހުން އެމީހުންގެ ފޭނުންނަށް ފަސޭހައިން ހަނދާން ހުންނާނެ ނަމެއް ބޭނުން ކުރުމުގެ ގޮތުން މިފަދަ ސްޓޭޖް ނަމެއް ބޭނުން ކުރެއެވެ.
އެގޮތުން މިފަހަރު މިބަލާލަނީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އެމީހުންގެ އަސްލު ނަން ނޫން ނަމެއް ސްޓޭޖް ނަމެއްގެ ގޮތުގައި ބޭނުންކުރާ ބައެއް ފަރާތްތަކަށެވެ.
- އަމީތާބް ބަޗަން
ރިޕޯޓުތަކުން ބުނާ ގޮތުގައި އަމީތާބަށް އެންމެ ފުރަތަމަ އޭނާގެ މައިންބަފައިން ދިން ނަމަކީ އިންގިލާބް ޝްރިވާސްތަވް އެވެ. އެނަން ދޭން ނިންމީ، އިންޑިއާ އަށް މިނިވަންކަން ގެނައުމަށް އެއިރު ކުރަމުންދިޔަ މަސައްކަތްތަކާ ގުޅުވައިގެން ކަމުގައިވެސް ބުނެފައިވެއެވެ. ނަމަވެސް އޭގެ މާގިނަ އަހަރުތަކެއް ނުވެ އޭނާގެ ނަން، އަމިތާބް ބަޗަން އަށް ބަދަލުކުރިއެވެ.
- ސަލްމާން ޚާން
ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި، ސަލްމާން ޚާން އަށް އެންމެ ފުރަތަމަ ވެސް ކިޔުނު ނަމަކީ އެއީއެވެ. ނަމަވެސް ހަގީގަތަކީ އެޔެއް ނޫނެވެ. އޭނާ އުފަންވީއިރު ކިޔާފައިވާ ނަމަކީ އަބްދުލް ރާޝިފް ސަލީމް ސަލްމާން ޚާން އެވެ/ އަބްދުލް ރާޝިދަކީ އޭނާގެ ކާފައަށް ކިޔާ ނަމެވެ. އަދި ސަލީމް އަކީ ސަލްމާން ޚާންގެ ބައްޕައަށް ކިޔާ ނަމެވެ. ނަމަވެސް ބޮލީވުޑްގައި ހަރަކާތްތެރިވާން ފެށުމުގެ ކުރިން ސަލްމާން ވަނީ އޭނާގެ ނަން ހަމައެކަނި ސަލްމާން ޚާންއަށް ކުރުކޮށްލާފައެވެ.
- ކިއާރާ އަދްވާނީ
ކިއާރާއަށް ހަގީގަތުގައި ކިޔާ ނަމަކީ އާލިއާ އަދްވާނީ އެވެ. ނަމަވެސް ބޮލީވުޑްގައި މިހާރުވެސް އާލިއާ އެއް އުޅޭތީ، އެކްޓަރު ސަލްމާން ޚާންގެ ހިޔާލުގެ މަތިން ކިއާރާ ވަނީ އާންމުންނަށްޓަކައި އޭނާގެ ނަމުން ”އާލިއާ“ ވަކިކޮށް ”ކިއާރާ“ އަށް ނަން ބަދަލުކޮށްފައެވެ.
- ޝިލްޕާ ޝެޓީ
މިތަރިއަކީ އެހެން ނަމެއް ކިޔާ ތަރިއެއްކަމަށް ޤަބޫލުކުރަން ވެސް ދައްޗެވެ. ނަމަވެސް ހަގީގަތަކީ، ޝިލްޕާއަށް ކިޔާ އަސްލު ނަމަކީ އެއީ ނޫން ކަމެވެ. އޭނާއަށް ހަގީގަތުގައި ކިޔަނީ އަޝްވިނީ ޝެޓީ އެވެ.



