ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ ގެއިން ހޯދި 1.4 މިލިއަން ރުފިޔާއަކީ ލޯންޗެއް ބަންނަން ދިން ފައިސާތަކެއް ކަމުގައި ބުނެފިއެވެ.
އެޗްޑީސީގެ ތެރެއިން ޚިޔާނާތް ހިންގައި އަމިއްލަ ބޭބެއަށް ހުޅުމާލެއިން (އުސޫލުން ބޭރުން) ގޯއްޗެއް ދިނުމާއި މިނޫންވެސް ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން މިދިޔަ މަހު ފަޒުލް ވަނީ އެ ކުންފުނީގެ އެމްޑީކަމުން ސަސްޕެންޑު ކޮށްފައެވެ. އެކަމާ ގުޅިގެން އޭނާ ފަހުން ވަނީ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާވެސް ދެއްވާފައެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގާ ގުޅިގެން، ފަޒުލް ދިރިއުޅުއްވާ ގެއަށް ފުލުހުންވަދެ ބަލައިފާން ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. އަދި އެ އޮޕަރޭޝަންގެ ތެރެއިން އެގެއިން 1.4 މިލިއަން ނަގުދު ފައިސާ ފުލުހުން ހޯދިކަމަށް އެނގިފައިވެއެވެ.
މިކަމާ ގުޅޭގޮތުން ބައެއް އަތޮޅުތަކަށް ފެރީގެ ޚިދުމަތްދެމުން އަންނަ ”ރިލެކްސް ފެރީ ސާވިސް“ އިން ”އެކްސް“ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، 2022 ވަނަ އަހަރު އެކުންފުނިން ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތްކޮށް ލޯންޗެއް އެއިރު ބަނދެފައިވާނެ ކަމަށެވެ. އަދި އެ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން، ދެވަނަ ފަހަރަށް އިތުރު ލޯންޗެއް ބަނުމަށްޓަކައި މިދިޔަ އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ މަހު ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ދީފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ފަޒުލް ވަނީ ރިލެކްސް ފެރީ ސާވިސް އިން ކޮށްފައިވާ އެ ޕޯސްޓު އޭނާގެ އެކްސް އެކައުންޓުގައި ރީޕޯސްޓު ކުރައްވާފައެވެ.



