ބޯހިޔާވަހިކަމުގެ ދަތިކަން ފޯރާފައިވާ ރައްޔިތުންނަށް ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާ ސްކީމްގެ 4 ޓަވަރުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން، އިންޑިއާގެ 2 ކުންފުންޏަކާ ހަވާލުކޮށްގެން މިމަސައްކަތް ކުރިއަށްގެންދާއިރު، މީގެތެރެއިން ކޭޕީއެލްއިން ތަރައްޤީކުރަމުންދާ ”އަމާން އުދަރެސް“ގެ 16 ޓަވަރުގެ ތެރެއިން 4 ޓަވަރެއްގެ މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ކޮންޓްރެކްޓަރާ ހަވާލާދީ ބުނެފައެވެ.
އެގޮތުން ގެދޮރުވެރި ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުން އަންނަ ”އަމާން އުދަރެސްގެ“ 11، 12، 13، އަދި 14 ވަނަ ޓަވަރުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހު ނިންމޭނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. އަދި މި 4 ޓަވަރުގައި މާރިޗު މަހުގެ ތެރޭގައި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަޞީލަތްތަކެއް ގާއިމުކޮށް ދިރިއުޅެވޭ ފެންވަރަށް ތައްޔާރުކުރެވޭނެކަމަށް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.
މުޅިއަކު 4000 ހައުސިންގް ޔުނިޓު ހިމެނޭ 16 ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެފްޑީސީން ލަފާކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.



