އިމިގްރޭޝަން ވޮޗްއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 1،000 އަށްވުރެ ގިނަ މައްސަލަ މިހާތަނަށް ބަލައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ތަޢާރަފުކުރެވުނު މި އޮންލައިން ޕްލެޓްފޯމަށް، ޑިސެމްބަރު މަހުގެ ނިޔަލަށް 1،061 މައްސަލަ ބަލާފައިވާ ކަމަށާއި ނޮވެމްބަރު މަހުގެ ނިޔަލަށް ހުށަހެޅުނު 1،017 މައްސަލައިގެ ތެރޭގައި އެންމެ ގިނައީ ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަތަކެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވަ ގޮތުގައި މިފަދަ 239 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން، ވޯކް ވިސާއާ ގުޅޭ 239 މައްސަލައާއި، ހަށިވިއްކުމުގެ 65 މައްސަލަ ހުށަހަޅާފައިވެއެވެ.
ވަޒީފާއިން ފިލުމުގެ 41 މައްސަލައާއި، ޓޫރިސްޓް ވިސާއާ ޚިލާފުވުމުގެ 14 މައްސަލަ، އަދި އެމްޕްލޯޔަރ ސްޕޮންސަރޝިޕްއާ ޚިލާފުވުމުގެ 12 މައްސަލަވެސް ހުށަހަޅާފައިވެއެވެ. އަދި ވިސާގެ ނަހަމަ ބޭނުންކުރުމުގެ 12 މައްސަލައާއި، އެކި ބާވަތުގެ ކުށްކުރުމުގެ 11 މައްސަލަ، އަދި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ 10 މައްސަލަވެސް ރިޕޯޓުވެސް ރިޕޯޓުކޮށްފައިވެއެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، އާންމު ސިއްޙަތަށް ނުރައްކާވާ ގޮތަށް ބޭނުންކުރަމުން އައި 8 ތަނެއްގެ މައްސަލައާއި، ހިއުމަން ޓްރެފިކިންގގެ 7 މައްސަލަ، އަދި ބްލެކް މާކެޓުގައި ބޭރު ފައިސާ މާރުކުރުމުގެ 7 މައްސަލަވެސް ލިބިފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ފާއިތުވި އަހަރު ތެރޭގައި ބޮޑު ހައްލެއް ހޯދިފައިވާ ކަމަށެވެ. އަދި ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށްވެސް އިމިގްރޭޝަނުން ހާމަކުރިއެވެ.




