މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ އެއްވެސް މުވައްޒަފަކު ރިޓަޔާކޮށްފައި ނުވާކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި އެ އިދާރާގެ ބައެއް އޮފިސަރުންނާ ގުޅޭގޮތުން މަނީ ލޯންޑްރިންގ، ޚިޔާނާތް އަދި ރިޝްވަތުގެ މައްސަލަތަކެއް ތަޙްޤީޤު ކުރަމުންދާކަން ފުލުހުން ވަނީ އަންގާފައެވެ. އަދި މި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވާ އެއްވެސް އޮފިސަރަކު ރިޓަޔަރކޮށްފައި ނުވާކަމަށްވެސް ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.
މި ޚިޔާނާތުގެ މައްސަލައިގައި ކަސްޓަމްސްގެ 20 އޮފިސަރެއްގެ ނަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވަނީ ގެނެވިފައެވެ. ނަމަވެސް މިހާތަނަށް ފުލުހުން ތަޙްޤީޤު ފުޅާކޮށްފައިވަނީ ތިން ހަތަރު އޮފިސަރެއްގެ މައްޗަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި މައްސަލައާ ގުޅުންހުރި ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށްވެސް ހުށަހަޅައިފައިވާއިރު، ކޮމިޓީގެ ބައްދަލުވުންތައް ސިއްރުކޮށްގެން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ބައެއް އިސްވެރިންނާ ސުވާލުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން މި މައްސަލައާ ގުޅޭގޮތުން ބުނެފައިވަނީ، ކަސްޓަމްސް މުވައްޒަފުންތަކަކަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގ، ޚިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، މިދިޔަ އަހަރުގެ އޮގަސްޓް 19 ވަނަ ދުވަހު އެ މައްސަލައިގެ ތަޙްޤީޤު ފަށާފައިވާ ކަމަށެވެ.




