ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ދެ މަޤާމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހަންމާ) އާއި އާމިނަތު ސަރާހަތު އިއްޒަތު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފިއެވެ.
މިދިޔަ ޑިސެމްބަރު މަހު ބްރޯޑްކޮމްގެ މެންބަރުކަމުގެ ދެ މަޤާމު ހުސްވެފައިވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވުމުންނެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ސަރާހަތު އެ މަގާމަށް އައްޔަނު ކުރަން ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 68 މެންބަރުންނެވެ. އަދި މުހަންމާ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 58 މެންބަރުންނެވެ.
ކޮމިޓީ މަރުހަލާގައި ދެވަނައަށް އެންމެ ގިނަ މާކްސް ލިބުނު ޝިފްޒާ މުސްތަފާ މި މަގާމަށް އައްޔަނު ކުރަން ނުފެންނަ ކަމަށް 50 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ކޮމިޓީ މަރުހަލާއިން އެންމެ ގިނަ މާކްސް ލިބިފައިވަނީ ސަރާހަތަށެވެ.
އެގޮތުން ކޮމިޓީ މަރުހަލާގައި ސަރާހަތަށް ލިބުނީ 89 އިންސައްތައެވެ. ޝިފްޒާއަށް 84 އިންސައްތަ ލިބުނުއިރު މުހަންމާއަށް ލިބުނީ 79 އިންސައްތައެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ނަންތަކުގެ ތެރޭގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީގެ ނަންވެސް ހިމެނެއެވެ. ނަމަވެސް އޭނާވަނީ އިންޓަވިއު މަރުހަލާއިން ކަޓާފައެވެ.



