އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ކުރިން ކުރެއްވި އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މި ދެބޭފުޅުންގެ ނަންވެސް މަޖިލިހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އީސީގެ މެންބަރުކަމަށް އައްޔަނު ކުރަން މިއަދު ފާސްވި ޒާހިދު އެޗްއާރްސީއެމްގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރީ، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު ކުރީގެ ރައްޔިތުންގެ މަޖިލިހުންނެވެ. ސޮލާހު މީގެކުރިން ހުންނެވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު އޭނާވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އީސީގެ ދެ މަގާމެއް ހުސްވީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެ ދެބޭފުޅުންގެ މައްޗަށް ވެސް ވަނީ ގިނަ ތުހުމަތުތަކެއް އުފުލިފައެވެ.



