ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މޫމިނާ ވަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމުގެ މަގާމަށް މޫމިނާ އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅު ވަނީ އިއްވަވާފައެވެ.
މިކަމާ ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އިންޓަވިއުއަކާ ނުލައި މޫމިނާ އެ މަގާމަށް އައްޔަނުކުރުމަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ. އަދި ފިއްޓެގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ދާންދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ފަޒީލް އެވެ.
އެޗްއާރްސީއެމްގެ ނައިބު ރައީސް ކަމުގެ މަގާމަށް މޫމިނާ އައްޔަނު ކުރުމަށް ކޮމިޓީން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.



