ރ. ފައިނުގައި އެއާޕޯޓު އެޅުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއިއެކު ވެވޭ އެގްރީމެންޓުގައި އަންނަ މަހު ސޮއިކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ފައިނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، އެގްރީމެންޓުގައި ސޮއިސޮއިކުރުމަށްފަހު އެއާޕޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އެއާޕޯޓު އެޅުމުން ފައިނު ހިމެނޭ ދާއިރާއާއި އެ ސަރަޙައްދުގެ ގިނަ ރަށްތަކަށް އިޤްތިޞާދީ ކުރިއެރުން ލިބޭނެ ކަމަށާއި އެއާޕޯޓާއެކު ގިނަ ރިސޯޓުތަކެއް އެ ސަރަޙައްދުގައި ހުޅުވި، ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށެވެ.
”ވަރަށް އުއްމީދީ ގޮތެއްގައި މި އެއާޕޯޓު ނިމިގެންދާނީ. އަޅުގަނޑު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވައުދުވެފައި ވެސް އޮންނާނެ މި ސަރަޙައްދުގައި ގިނަ ރިސޯޓުތައް ހުޅުވިގެންދާނެ ކަމަށް،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ދެން ފައިނަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަޝްރޫޢު ނިމި، އެ އެއާޕޯޓު ހުޅުވުމަށް ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ފައިނުގެ ފެނާއި ނަރުދަމާގެ މަޝްރޫޢު އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ފައިނުގެ ތަރައްޤީއަށް ކުރައްވާނެ އިތުރު ކަންކަންވެސް އިޢުލާންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހެލްތު ސެންޓަރަށް ބޭނުންވާ ކަންކަމާއި، ފުޓުބޯޅަ ދަނޑެއްގެ އިތުރުން ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މީގެއިތުރުން، ފައިނުގައި އޭ.ޓީ.އެމް ބެހެއްޓުމަށްޓަކައި ފައިނު ކައުންސިލާއި ބޭންކް އޮފް މޯލްޑިވްސް އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.



