ނަފްސާނީ ފުރަތަމަ އެހީގެ ޚިދުމަތް ތަޢާރަފުކުރި ފަހުން، މިހާތަނަށް 3،000 އަށްވުރެ ގިނަ ފަރާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ 1677 ހެލްޕްލައިން މެދުވެރިކޮށް ފޯރުކޮށްދޭ މިހިދުމަތަށް އަންނަ މަހު އެއް އަހަރު ފުރޭއިރު، 3،004 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ދިރިއުޅުމުގައި ދިމާވާ ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމުގެ މަގްސަދުގައި ތައާރަފްކުރެވުނު މިހިދުމަތް24 ގަޑިއިރު ލިބޭއިރު، މި ޚިދުމަތުގެ ތެރެއިން ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދިނުމާއި، ވާހަކަ ހިއްސާކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށްވެސް މަސައްކަތްކުރާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން، ހުރިހާ އުމުރުފުރައަކަށްވެސް މި ޚިދުމަތް ލިބެން ހުންނާނެ ކަމަށާއި އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ރިފަރަލް ހަދައިދޭ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.



