އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސްއެލް) ގެ ޗެއާމަންކަމުގެ މަޤާމަށް މަތީ ތަޢުލީމާއި، ވަޒީފާ އަދި ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޝަފީޢު ހަމަޖައްސަވައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި އެކަން އިއުލާން ކުރައްވާ ވަނީ ޝަފީޢުއަށް މަރުޙަބާ ކިޔާފައެވެ.
މީގެ ކުރިން މި މަޤާމުގައި ހުންނެވީ މުޙައްމަދު މިހާދެވެ. މިހާދު މި މަޤާމަށް އައްޔަންކުރެއްވީ މިދިޔަ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުއެވެ. މިހާދަކީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި މިވަގުތު އިތުރު ފަސް މެންބަރުން ތިއްބަވައެވެ.



