ރ. އަލިފުށީގައި ހުރި ފެނަކަ ކޯޕަރޭޝަންގެ އައިސް ޕްލާންޓް މަރާމާތުކޮށް ނިންމައި، އަލުން ހިދުމަތް ދޭން ފަށައިފިކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) މިއަދު ވިދާޅުވެއްޖެއެވެ.
މި ޕްލާންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިފްކޯ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، އަދި އޯޝަން ވޯޓާރޒްގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދެއްވި އެއްބާރުލެއްވުމަށް ރުކުމާ ވަނީ ޝުކުރު ދަންނަވާފައެވެ.
މީގެއިތުރުން، މި ޕްލާންޓް ދާދި އަވަހަށް މިފްކޯއާ ހަވާލުކުރެވޭނެ ކަމަށް ވެސް ރުކުމާ ވިދާޅުވިއެވެ.

ފެނަކައިން ހިންގާ އިތުރު 11 ޕްލާންޓެއްވެސް މިފްކޯއާއި ހަވާލުކުރުމުގެ މަޝްވަރާ ކުރިއަށްދާކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ.
މިފްކޯއިން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އައިސް ޕްލާންޓުތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ރަށްރަށުގައި އައިސް ލިބުން ވަނީ މެދުކެނޑިފައެވެ. އަދި މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.




